ފަރެސްމާތޮޑާ
ހުވަދު އަތޮޅު ދެކުނުބުރީ " ފަރެސްމާތޮޑާ ( FARESMAATHODA) (އަތޮޅު ކޯޑް Q8) އަކީ ކުރިން ފަރެހާއި މާތޮޑާ ގެ ގޮތުގައި އޮތް މުޅިން ވަކި ދެރަށެވެ. 1998 ވަނައަހަރު ފަރެހާއި މާތޮޑާގެ ރަޢްޔިތުންނަށް ބޭނުންކުރެވޭގޮތަށް 1 ބަނދަރު ސަރުކާރުން ހައްދަވައި، އެބަނދަރުން ނެގިފަސް ފަރެހާއި މާތޮޑާ އާއި ދެމެދުގައިވާ ސަރަޙައްދަށް އަޅައި ދެރަށް ވަނީ ގުޅުވާލެވިފައެވެ. އަދި ހަމައެއާއެކު 20 މަރޗް 2007 ގައި ފަރެސްމާތޮޑާއަކީ އެއްރަށެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައި އެތާރީޚުން ފެށިގެން މިއީ " ފަރެސްމާތޮޑާ " އެވެ. އަދި އެއްރަށެއްގެ ގޮތުގައި ހިންގަމުން އަންނަ ރަށެކެވެ. މިރަށް (ފަރެސްމާތޮޑާ) އޮންނަނީ ފިޔޯރީ ކަނޑުން ފެށިގެން ވެހެލީ ކަނޑާ ހަމައަށް ހިމެނޭ ދިގު ފަރެއްގައި މައިފަރުގެ މީހުންއުޅޭ ހަމައެކަނި ރަށެވެ. ޖިއޮގްރަފީގޮތުން ބަލާއިރު މިރަށް އޮންނަނީ (ޚައްޠުއިސްތަވާގެ އުތުރުން 0.12.0498 N ޑިގްރީ ގައެވެ. އުތުރު އަރުޟު 73.11.0684 E) ގައެވެ. ރަށް އުފެދުމުގައި ރަށުގެ މާތޮޑާއަވަށުގެ ހުޅަނގު ދެކުނު ފަރާތުގައި ބޮޑު ޗަސްބިމެއް (ކުޅި) އެއްއޮވެއެވެ. ނަމަވެސް 2015 އަހަރުގައި ފަރެސްމާތޮޑާ ކައުންސިލުންވަނީ މި ކުޅިއަށް ފަސްއަޅާ ބެރުމަށްފަހު މަސް ފެންގަނޑަކާއި އެކު ނޭޗަރ ޕާކެއް ތަރައްޤީ ކޮއްފައެވެ. ރަށުގައި މީހުން ދިރިއުޅެންފެށި ތާރީޚެއް ނޭގޭކަމަށްވިޔަސް ބައެއް ލިޔުންތަކުން އެނގޭގޮތުގައި މިރަށަކީ ދިވެރި ތާރީޚާއި ގުޅިފައިވާ ބައެއް ބޭބޭފުޅުން ފަސްދާނުލެވިފައިވާ ރަށެއްކަން އެނގެއެވެ. އެގޮތުން ދިޔަމިގިލީ ރަދުންގެ ޢާއިލާގެ ބައެއްބޭބޭފުޅުން މިރަށުގެ އާސާރީ ސަހަރާގައި ފަސްދާނުލެވިފައިވާކަން ތާރީޚްދިރާސާކުރާ ބައެއް ބޭފުޅުން ވިދާޅުވެއެވެ. ފަރެސްމާތޮޑާ އަކީ ދޮށީގެ މަސްވެރިކަމުގެ ދާއިރާއިން މުޅި ރާއްޖެއިން ފާހަގަ ކޮށްލެވޭ ރަށެކެވެ. ޒަމާނުއްސުރެ މިރަށަކީ މަސްވެރި ރަށަކަށްވުމުން ރަށުގެ ގިނަޢަދަދެއްގެ މީހުން އާމްދަނީހޯދުމަށް ކުރާ މަސައްކަތަކީ މަސްވެރިކަމެވެ.ހުވަދު އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާގައި ދިގުމިނުގައި 3097 ފޫޓް އަދި ފުޅާމިނުގައި 1852 ފޫޓް ހުރެއެވެ. ފަރެސްމާތޮޑާއަކީ އާބާދީގެ ނިސްބަތުން ހުވަދު އަތޮޅު ދެކުނުބުރީގެ އެންމެ ބޮޑު 3 ވަނަ އާބާދީއެވެ. 31 ޑިސެމްބަރ 2024 ގެ ނިޔަލަށް ފަރެސްމާތޮޑާގެ ޖުމްލަ އާބާދީއަކީ 1863 އެކެވެ. އެއީ އަންހެން 921 އަދި ފިރިހެން 942 އެވެ. ރަށުގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ ގާތްގަނޑަކަށް 1450 ކެވެ. ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ގޯތީގެ ޢަދަދަކީ 493 ކެވެ. މީގެތެރެއިން މީހުން ދިރިއުޅެމުންދަނީ 327 ގޭގައެވެ. މި ގޭ ތަކުގައި 143 ބިސީ ދިރިއުޅެމުންދެއެވެ.ޤްރުއާން ކިޔަވައިދޭ 3 ކްލާހާއި، އެލް ކޭ ޖީ އިން ފެށިގެން ގްރޭޑް 10 އާއި ހަމަޔަށް ކިޔަވައިދެމުން ގެންދާ 1 ސްކޫލް (ހުވަދޫ ސްކޫލް) ރަށުގައި ހުރެއެވެ. މަތީ ތަޢުލީމަށް ކިޔަވައިދޭ މައި ކޮލެޖްގެ ކެމްޕަހެއް ހުޅުވި ކިޔަވައި ދެމުން ގެނެދެއެވެ. މީގެ އިތުރުން 24 ގަޑިއިރަށް ޞިއްޙީ ޚިދުމަތް ދެމުން ގެންދާ ޞިއްޙީ މަރުކަޒަކާއި އެސްޓީއޯގެ ބޭސްފިހާރައެއް ހުރެއެވެ. އަދި މަސްވެރިންނަށް އައިސްވިއްކުމަށް ގާއިމް ކޮށްފައިވާ އައިސްޕްލާންޓެއް ހުރެއެވެ. ނަމާދުކުރާ ފިރިހެން 5 މިސްކިތް ރަށުގައި ހުރެއެވެ. އަދި މެޖިސްޓްރޭޓް ކޯޓެއްގެ އިތުރުން ރަށުގައި ޕޮލިސް ސްޓޭޝަނެއް ހުރެއެވެ. މީގެއިތުރުން ރަށުގައި ހިލޭސާބަހަށް މަސައްކަތްކުރާ 1 ޖަމްޢިއްޔާ އޮވެއެވެ.ފަރެސްމާތޮޑާގެ ދަތުރުފަތުރުގެ ނިޒާމަކީ ވަރަށް ފުޅާކޮށް ޤާއިމުވެފައިވާ ނިޒާމެކެވެ. ވައިގެ ދަތުރުފަތުރަށް ބަލާއިރު، ފަރެސްމާތޮޑާ އެއަރޕޯޓުން ހަފްތާއަކު ދެ ދުވަހު މާލެއަށް ޝެޑިއުލް ދަތުރުތައް ކުރެވެއެވެ. މިއީ ރަށުގެ ރައްޔިތުންނަށް އަވަސް އަދި ފަސޭހަ ގޮތެއްގައި މާލެއަށް ދަތުރުކުރުމުގެ ފުރުޞަތު ލިބިރުޞަތު ލިބިގެންދާ ކަމެކެވެ.ކަނޑުގެ ދަތުރުފަތުރަށް ބަލާއިރު، އާރު.ޓީ.އެލް ފެރީ ސަރވިސްއިން ހަފްތާއަކު 7 ދުވަހު އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކުރެއެވެ. މީގެ އިތުރުން، ފުވައްމުލަކަށާއި އައްޑޫ ސިޓީއަށް ވެސް މި ފެރީ ސަރވިސް މެދުވެރިކޮށް ދަތުރުކުރެވެއެވެ. އެމް.ޓީ.ސީ.ސީގެ ފެރީ ސަރވިސްއިން ހަފްތާއަކު ދެ ދުވަހު ތިނަދޫއާއި ރަށާ ދެމެދު ދަތުރުކުރެއެވެ. އަދި ގއ. ކަނޑުހުޅުދޫ، ގދ. ގައްދޫ އަދި ގދ. ވާދޫއަށް ވެސް ދަތުރުކުރެއެވެ. މި ފެރީ ބޭނުންކޮށްގެން ރަށަށް ބޭނުންވާ މުދާ ގެނެވެއެވެ. މާލެއާއި ފަރެސްމާތޮޑާއާ ދެމެދު ދަތުރުކުރާ 7 ބޯޓު އޮތުމަކީ ރަށުގެ ރައްޔިތުންނަށް ލިބިފައިވާ އިތުރު ފަސޭހައެކެވެ. މި ފުޅާ ދަތުރުފަތުރުގެ ނިޒާމުގެ ސަބަބުން ފަރެސްމާތޮޑާގެ ރައްޔިތުންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުޞަތު ލިބިފައިވެއެވެ.ޚުލާޞާކޮށް ބަލާއިރު، ފަރެސްމާތޮޑާއަކީ ތަޢުލީމީ، ޞިއްޙީ އަދި އިޖްތިމާޢީ ޚިދުމަތްތައް ރަނގަޅު ފެންވަރެއްގައި ލިބެމުންދާ ރަށެކެވެ. ޚާއްޞަކޮށް ރަށުގެ ދަތުރުފަތުރުގެ ނިޒާމު ވަރަށް ފުޅާކޮށް ޤާއިމުވެފައިވުމަކީ ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދުވެލި އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ފަރެސްމާތޮޑާއަކީ އިތުރަށް ކުރިއަރައި ތަރައްޤީވެގެންދާނެ ރަށަކަށް ވެގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
- ރަށުގެ އާބާދީ
- 1863
- ގޭބީސީ
- 327
- ރަށުގެ ބޮޑުމިން (ހެކްޓަރ)
- ހ.
- ވިޔަފާރި
- ހޮޓާ,ރެސްޓޯރަންޓް
- ގެސްޓްހައުސް